Tuesday, 28 July 2026

ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ ނިޔަލަށް އިތުރުކޮށްފި

ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ދީފައި ވަނީ މި މަހުގެ މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ދިނީ މިދިޔަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، އެ މުއްދަތު މި މަހުގެ ނިޔަލަށް ފަހުން އިތުރުކުރި އެވެ.

އަދި ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ހަ ކެޓަގަރީއަކުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިއްޔެ ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު އަދި މި އުސޫލުގެ ދަށުން ވަކިން ފޯމު ހުށަހެޅޭ ޚާއްޞަ ކެޓަގަރީތަކުން ފޯމް ހުށަހެޅޭނެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ:

  • ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ހަވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ޚާއްޞަ ކެޓަގަރީ.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހަޅާ ޚާއްޞަ ކެޓަގަރީ
  • މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބިން.
  • "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 1 ގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
  • "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ 2 ގެ ދަށުން، ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
  • "ގޯތިގެދޮރު" ޕްރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީއިން ހުޅުވާލީ ނިމިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހެވެ. އެ ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *