Tuesday, 28 July 2026
ފޮޓޯ:އެޓޯލްޓައިމްސް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި ބޭއްވުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާތީ، އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އޭޕްރީލް 14 އިން ފެށިގެން އޭޕްރީލް 29 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކުރިމަތިލާން އެދޭ ފަރާތްތަކުން އީ-މެއިލް މެދުވެރިކޮށް ނުވަތަ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، 18 އަހަރު ފުރިފައިވާ ދިވެހި މުސްލިމަކަށް ވާންޖެހެއެވެ. އަދި ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނާއި، ޖިނާއީ ބޮޑެތި ކުށްތަކުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް މި އިންތިޚާބުގައި ކުރިމައްޗެއް ނުލެވޭނެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ކޯޓު ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

މި މައްސަލައަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އާންމު ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިއްތިފާގުން ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *