Tuesday, 28 July 2026
ހަނިމާދޫ ރުއްތަކުން ޒީނަތްތެރިވެފައިވާ ރަށެއް---ފޮޓޯ:އައިސްޓޮކް

ރުކުމަޑީގެ އުނދަގުލުން ރުއްތައް ސަލާމަތް ކުރުމަށް ހަނިމާދޫގައި ސެންޓަރެއް ހަދައި ޕެރަސިޓޮއިޑް އާލާކުރަނީ

ރުކުމަޑީގެ އުނދަގުލުން ރާއްޖޭގެ ރުއްތައް ސަލާމަތް ކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ހދ. ހަނިމާދޫގައި ޚާއްސަ ސެންޓަރެއް ޤާއިމުކޮށް، "ޕެރަސިޓޮއިޑް" ކިޔާ ސުއިއްޕެއް އާލާކުރުމުގެ މަސައްކަތް ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. މި ސެންޓަރަކީ ރުއްތަކަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ކޮންޓްރޯލް ކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އުފައްދާ ސެންޓަރެކެވެ.

ކޮކޮނަޓް ހިސްޕިޑް ބީޓްލް ނުވަތަ ރުކުމަޑިން ރުއްތައް ސަލާމަތް ކުރުމަށް މި ސޫފިތައް އާލާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) އާއެވެ. މި މަޝްރޫޢުގެ ދަށުން 2024 ވަނަ އަހަރު ކަޓާސްގެ ޓީމަކުން ހަނިމާދޫއަށް ޒިޔާރަތްކޮށް، އެ ރަށުގައި ދިރާސާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަސައްކަތަށް ބޭނުންވާ ޕެރަސިޓޮއިޑް މިހާރު ވަނީ ޗައިނާއިން ރާއްޖެއަށް ގެނެސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެ ސޫފިތައް އާލާކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. "ޕެރަސިޓޮއިޑް" އަކީ ގަސްގަހާގެހީގައި އާލާވާ ނުރައްކާތެރި ފަނިފަކްސާތައް ނައްތާލުމަށް އެހީތެރިވެދޭ، ތިމާވެއްޓާ ރައްޓެހި ދިރޭ ވަސީލަތެކެވެ.

މި މަޝްރޫޢުގެ ސަބަބުން ކެމިކަލް ބޭނުންކުރުން މަދުވެ، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ. މިއީ ޤުދުރަތީ ވަސީލަތެއް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ރުއްތަކަށް ޖެހޭ ބަލިތަކަށް ޙައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ތަފާތު ޕެސްޓްތަކުން ރުއްތަކަށް ލިބޭ ގެއްލުންތަކަށް ދާއިމީ ޙައްލެއް ލިބި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ރުއްތައް ހިމާޔަތް ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައިވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *