މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދިޔަ ބިދޭސީއަކު މަރުވެފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސޭހާއިރު، މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައިވަނީ އެ ގޭގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށެވެ.
ފުލުހުން އިތުރަށް ބުނީ، މަރުވި ބިދޭސީ މީހާގެ ހަށިގަނޑު އޭނާގެ އާއިލާއިން އެދިގެން މިހާރު ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


