Tuesday, 28 July 2026
މަގާމުގައި ހުންނެވި އަލީ އާރިފް=----ފޮޓޯ:ސަން

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

އަލީ އާރިފް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން އޭނާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް، ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އަލީ އާރިފަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އޭނާގެ ބޭބެ އިގްބާލް އާދަމް ވެސް ހުންނެވީ ރައީސްގެ ރަސްމީ ގެކޮޅުގެ މިނިސްޓަރުގެ މަގާމުގައެވެ.

މިއީ މި ސަރުކާރުގެ މިނިސްޓަރު ފެންވަރުގެ ބޭފުޅަކު މަގާމުން އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ. މި ސަރުކާރުގެ ކުރީކޮޅު، ޚަރަދު ކުޑަކުރުމާ ގުޅޭގޮތުން އަލީ އާރިފް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑު ކިޔުންތަކެއް އޭނާއަށާއި ސަރުކާރަށް އަމާޒު ވެފައިވެއެވެ.

ފަހަކަށް އައިސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި އެހެނިހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަމުންދާއިރު، ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަލީ އާރިފްގެ އިސްތިއުފާ މި އައީ ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *