މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ބޮޑު ވައްކަމުގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. މި މައްސަލައަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.
ފުލުހުން ބުނި ގޮތުގައި މި ވައްކަމުގެ ތުހުމަތު ފަސް މީހަކަށް ކުރެވޭއިރު، އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ކަސްތޫރިމާގެ، މުހައްމަދު ނޫރު އަހްމަދު (40އ)، ސ. މީދޫ، މޫންލައިޓްވިލާ، މުހައްމަދު އަފްރާހް (40އ)، ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާއިލް އާސިފް (36އ) އަދި މ. އޭސިއާ، އަހްމަދު ފާރިސް (39އ) އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަސްވަނަ މީހާ އަދި ހައްޔަރު ނުކުރެވޭ ކަމަށާއި، އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން އިތުރަށް ބުނީ މި ވައްކަމުގައި ގެއްލުނު ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ތަހުގީގަށް ހޯދިފައިވަނީ ބައި ލައްކަ ރުފިޔާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.


