ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ފިރިހެނަކު ލިފްޓަކަށް އަރާ މަންޒަރެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ކުށްވެރިން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.


