ޑޮކްޓަރުންނަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ލިބެމުން އައި އާސަންދައިގެ ޚިދުމަތް ހުއްޓައިލަމުންދާ ކަމަށާއި، ބޭސް ސިޓީއަށް ބޭސް ނުލިބުން ފަދަ ޝަކުވާތައް އާންމުން ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި މައްސަލަ އަނބުރާ ފޮނުވައިލީ، އޭގައި ބަޔާންކޮށްފައިވާ ކަންކަމަކީ ހަގީގަތެއްކަން ކަށަވަރުކޮށްދެވިފައިނުވާ ކަމަށް ބުނެއެވެ.
މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވަނީ، މި އަހަރުގެ މިހާތަނަށް އައިއިރު ހޮސްޕިޓަލުތަކާއި ކުލިނިކްތަކުން ޚިދުމަތް ހޯދުމަށްދާ އާންމުންނަށް ލިބެމުން އައި އާސަންދައިގެ ޚިދުމަތް އެ ތަންތަނުން ހުއްޓައިލަމުން އަންނަ ކަމަށެވެ. އަދި ބޭސް ސިޓީތަކަށް ބޭސް ނުލިބުމާއި، ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ފޯރުކޮށްނުދެވޭ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އިތުރުވެފައިވާ ކަމަށްވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި ނާޖާއިޒު ފައިދާ ނެގުމަށް އެންސްޕާއާއި އެސްޓީއޯގެ އުސޫލުތަކަށް ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ބޭހާއި މެޑިކަލް ސާމާނު ވަކި ބަޔަކު އަތުން ގަތުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، މީގެ ސަބަބުން ފަރުވާ ލަސްވެ ފުރާނަ ގެއްލިދިއުމުގެ ބިރު އެބައޮތް ކަމަށް މެންބަރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.
"އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަން… އެއީ ހަގީގަތެއްކަން އިއްޒަތްތެރި މެންބަރަށް ދައްކުވައިދެވިފައެއް ނުވޭ،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަކީ ކުއްލިއަކަށް ދިމާވެގެން އުޅޭ ކަމަކަށް ވާންޖެހޭނެ ކަމަށާއި، ނަމަވެސް މި މައްސަލައިގައި އެ ޝަރުތުވެސް ފުރިހަމަނުވާ ކަމަށް ރިޔާސަތުން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގަވާއިދާ އެއްގޮތަށް މައްސަލަ ހުށަހެޅިފައި ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ.


