ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް އެކި ނަންނަމުގައި ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވިދާޅުވެއްޖެއެވެ. އެ އޮތޯރިޓީން ބުނީ ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭސް އެތެރެކުރާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަ ކުރުމަށާއި، ހަންގަނޑު ރީތި ކުރުމުގެ އިތުރުން ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް ހުއްދަ ނެތް ބޭސްތައް އިމްޕޯޓްކޮށް، އޮންލައިން މަސްދަރުތަކުގައާއި ބައެއް އާންމު ފިހާރަތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޑޮކްޓަރެއްގެ އިރުޝާދާ ނުލައި އާންމުންގެ ގިނަ ބަޔަކު މިފަދަ ތަކެތި ގަނެ ބޭނުންކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި، ޑޮކްޓަރެއްގެ އިރުޝާދާ ނުލައި މިފަދަ ތަކެތި ގަނެގެން ބޭނުން ކުރުމަކީ އާންމު ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.
"މިގޮތަށް ހުއްދަ ނުނަގައި ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީގެ ފަރާތުން ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކޮށްފައިވާ ބޭސްތަކެއް ނޫން" ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
މިފަދަ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރު ވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ. އެހެންކަމުން، މިފަދަ ތަކެތި ބޭނުންކުރުމުގައި އާންމުން ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.
އެމްއެފްޑީއޭއިން އިތުރަށް ވިދާޅުވީ، މިފަދަ ބޭސްތަކަކީ ކަނޑައެޅިފައިވާ ހުއްދަތައް ނަގައިގެން ފާމަސީތަކުގައި ވިއްކޭނެ ތަކެތި ކަމަށެވެ. ނަމަވެސް މިހާރު ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކަމުންދާ ތަކެތި މާކެޓުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އެފަދަ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.


