ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވީ އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ. ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ މީގެ ފަސް ގަޑިއިރު ކުރިންނެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ކަރަންޓުގެ ހިދުމަތަށް ބުރޫއަރައި، ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަރަންޓު ކެނޑުނު ވަގުތުން ފެށިގެން ސްޓެލްކޯގެ ޓެކްނިކަލް ޓީމުން ދަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އިތުރު ޓެކްނިކަލް މައްސަލައެއް ފާހަގަވެ، އެކަން ހައްލުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
ސްޓެލްކޯއިން ބުނީ "މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ވަނީ ދިމާވެފައި" ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އެ ކުންފުނީގެ ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދަނީ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، ގެއްލުންވި ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތެވެ. ސްޓެލްކޯއިން އަންނަނީ ވީހާވެސް އަވަހަކަށް ހިދުމަތް އިއާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.


