މި އަހަރު ޙައްޖުގެ މާތް އަޅުކަމަށް ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ހުރިހާ ކަންކަމެއް މިހާރު އިންތިޒާމު ކުރެވިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ޙައްޖުވެރިންނަށް އެއްވެސް ދައްޗެއް ދިމާވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މި އަހަރުވެސް ވަރަށް ދުރާލާ ޙައްޖާ ގުޅޭ ހުރިހާ އިންތިޒާމެއް ފުރިހަމަކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ޙައްޖުގެ އަޅުކަމަށްދާ ދިވެހީންގެ ވިސާއާ ފްލައިޓް ދަތުރާއި ހޮޓަލުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި،" ވަޒީރު ވިދާޅުވިއެވެ. ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
މި އަހަރުވެސް ދިވެހި ޙައްޖުވެރިންނަށް "މައްކާ ރޫޓް" އިނީޝިއޭޓިވްގެ ދަށުން ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިކަމުގެ ތައްޔާރީތަކަށް ސަޢޫދީ ޢަރަބިއްޔާއިން ވަޑައިގަންނަވާ އެޑްވާންސް ޓީމެއް އަންނަ ހަފުތާގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
މައްކާ ރޫޓްގެ ދަށުން ޙައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގައި އިމިގްރޭޝަން ކަންކަމަށް މަޑުކުރާކަށް ނުޖެހޭނެއެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ސީދާ ހޮޓަލަށް ދެވޭއިރު، ލަގެޖްވެސް ލިބޭނީ ހޮޓަލުންނެވެ. މީގެ އިތުރުން ޖިއްދާ އެއާޕޯޓުން ޙައްޖުވެރިންނަށް ރަސްމީކޮށް އިސްތިޤުބާލު ކުރާނެއެވެ.
ރާއްޖޭގެ ޙައްޖުވެރިންނަށް މި ޚިދުމަތް ފުރަތަމަ ފަހަރަށް ލިބެން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެންނެވެ. މިއީ ޙައްޖަށްދާ މީހުންގެ ދަތުރުފަތުރާއި އެއާޕޯޓުގެ ކަންކަން ލުއިފަސޭހަކުރުމަށް ސައުދީ ސަރުކާރުން ތަންފީޒުކުރާ މުހިންމު ސިޔާސަތެކެވެ.


