ސަރުކާރުން އަލަށް ތައާރަފުކުރި 'މާލެ ޓެކްސީ ލައިން' ގެ ހިދުމަތް ދެމުންދަނީ ޓެކްސީ ކުރުމުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، ހުރިހާ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން އަމަލުކުރުން މަޖުބޫރުވާ ގަވާއިދުތަކަށް ސަރުކާރުގެ ޓެކްސީ ލައިނުން ތަބާނުވާ ކަމަށެވެ.
އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި، ޓެކްސީ ގަވާއިދު (ނަމްބަރު R-132/2022) ގެ ހަތް ވަނަ މާއްދާގެ (ހ) އާއި 11 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އާ ކަނޑައެޅިގެން ހިލާފަށް މި ހިދުމަތް ކުރިއަށް ގެންދާކަން ވަނީ ހާމަވެފަ އެވެ.
"އަމިއްލަ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ އެޕްލިކޭޝަން ހިންގާ ފަރާތްތަކާއި ޓެކްސީ ޑްރައިވަރުން ހަރުކަށި އުސޫލުތަކުން ރެގިއުލޭޓްކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުން ހިންގާ ޓެކްސީ ހިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށްކަން ފާހަގަ ކުރެވެ އެވެ،" ބަޔާނުގައިވެ އެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމާ ގުޅިގެން އަމިއްލަ ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ. އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ އާމްދަނީ ސީދާ ގުޅިފައިވަނީ މި ދާއިރާއާ ކަމަށްވާއިރު، ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާގެ ތެރެއަށް ވަނުމުން އިންސާފުވެރި ވާދަވެރިކަން ގެއްލިފައިވާ ކަމަށް ޑްރައިވަރުން ގަބޫލުކުރެ އެވެ.
ހާއްސަކޮށް، ސަރުކާރުގެ ޓެކްސީ ލައިންގެ ހާއްސަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން ހިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، އިގްތިސާދީ ގޮތުން ދަތި މި ދަނޑިވަޅުގައި ޑްރައިވަރުންގެ އާމްދަނީއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް އެސޯސިއޭޝަނުން ސިފަކުރެ އެވެ.
"ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީ އަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ސީދާ ގޮތުން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއަށް ވަދެގެން ނުވާނެ އެވެ،" ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
ޑްރައިވަރުންގެ ޖަމިއްޔާ އިން ބުނީ ގަވާއިދުތައް ތަންފީޒު ކުރުމުގައި ގެންގުޅޭ ބޭއިންސާފު އަމަލުތަކުގެ ސަބަބުން ރެގިއުލޭޓަރީ އޮނިގަނޑަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށެވެ. އަދި އަމިއްލަ ޓެކްސީތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސަރުކާރުގެ ޓެކްސީ ލައިންގެ މިންގަނޑުތަކާ ފުށުއަރާ ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.


