މާލޭގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަމްބަރު ދރ 071، ފަތުހު އާދަމް ހަސަންފުޅު (44އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށްފަހުގައެވެ. އެ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ބަރުދަނުގައި ގާތްގަނޑަކަށް 38 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފަތުހުގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން އޭގެ ވިޔަފާރި ކުރުމުގައި ބައިވެރިވާ ކަމުގެ ތުހުމަތެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.


