ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު އެ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ވީއައިއޭއަށް ޖެއްސި ފްލައިޓަކުން ދަތުކުރި ފަސިންޖަރުންތަކެއްގެ ފައިސާ އާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް މި މަހުގެ ނުވަ ވަނަ ދުވަހުގެ ފަތިހު 05:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި އެ ފްލައިޓުން ދަތުރުކުރި ހމ. ހިޔާ 9-12-17 މާލެ، އުމުރުން 46 އަހަރުގެ އިބްރާހީމް ނަޢީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ އާއި ކްރެޑިޓް ކާޑުތައް ފެނިފައިވަނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އިން ގޮނޑި އާއި ކައިރީގެ އެކި ސަރަހައްދުތަކުންނާއި އޭނާއަށް ފްލައިޓުން ދޫކޮށްފައިވާ ބައެއް ތަކެތީގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފެނުނު ތަކެތީގެ ތެރޭގައި ތިން ކްރެޑިޓް ކާޑާއި، 3,040 އެމެރިކާ ޑޮލަރު (46,998.40 ރުފިޔާ)، 1,300 ސިންގަޕޫރު ޑޮލަރު (15,780.95 ރުފިޔާ)، 1,000 ދިވެހި ރުފިޔާގެ އިތުރުން 420 މެލޭޝިއަން ރިންގިޓް (1,630.23 ރުފިޔާ) ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ރުފިޔާއިން ބަލާނަމަ، ޖުމްލަ 65،409.58 ރުފިޔާއެވެ.
ފުލުހުން ބުނީ އެ މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.


