އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބުތައް ކުރިއަށްގެންދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށެވެ. އަދި ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު އޭޕްރިލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޚާބާ ގުޅިގެން ޖުމްލަ 170 ޝަކުވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިފައިވާކަން ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ، އެ ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ކޮމިޝަނުން ދޭ ޖަވާބާ މެދު ހިތްހަމަނުޖެހޭ ނަމަ، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުތް ފަހަރު ކަމަށް އީސީން ބުނެއެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ 294,876 މީހުންގެ ތެރެއިން 215,346 މީހުން ވަނީ ވޯޓުލާފައެވެ. މި އިންތިޚާބުގައި ކައުންސިލްތަކާއި ޑަބްލިޔުޑީސީގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ވެސް ވަނީ ނަގާފައެވެ.
ޒާހިދު ވަނީ އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިންތިޚާބީ މަސައްކަތްތައް އަދުލުވެރިކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ އެރުވިއެވެ.


