އަމީނީމަގުގެ ހުޅަނގު ފަރާތުގައި އަޅައިފައިވާ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެ ސަރަހައްދުގެ ތާރުގަނޑު އެއްކޮށް ނަގައި އަލުން ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑިސީ) އިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އާރްޑިސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، ޣިޔާސުއްދީން ސްކޫލުން ފެށިގެން އަމީނީ މަގުގެ ހުޅަނގަށް އޮތް ބައި ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ފެށުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީއާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓްތަކުގައި ތާރު އަޅައި ނިންމާލީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް، ފުޑްކޯޓު ބިއްދޮށަށް އޮންނަ ސަރަހައްދުގައި "ރާޅުބާނި" ތަކެއްހެން ތާރުގަނޑު އުފުލި، ދުއްވާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައެވެ. މި މައްސަލަ ހައްލުކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުވެސް މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ސަރަހައްދު އަނެއްކާވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އެމްޑީ ނަޒީމް ވިދާޅުވީ މިފަހަރު މި މަސައްކަތް ކުރިއަށް ގެންދާނީ ޓެކްނިކަލް ހުރިހާ މިންގަނޑުތަކަށް ފެތޭގޮތަށް، ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ ތަން ހެދިގެންދާއިރު އަޅުގަނޑުމެން ޓެކްނިކަލީ ބަލަންޖެހޭނެ ހުރިހާ މިންގަނޑުތަކެއް ވަރަށް ސަމާލުކަމާއެކު ބަލައި، ވަރަށް ރަނގަޅު ފެންވަރުގައި އެ މަސައްކަތް ކުރެވިގެންދާނެ،" ނަޒީމް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އާރްޑިސީއާ ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. އެ މަގަކީ ބޮޑެތި ބަސްތަކާއި ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ މަގަކަށްވާއިރު، މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.


