ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިޒް، "އޯޝަންމޭން ގްލޯބަލް" ގެ ރާއްޖޭގެ އެޑިޝަން ކަމަށްވާ "އޯޝަންމޭން މޯލްޑިވްސް" ކ. މާފުށީގައި ރަސްމީކޮށް ފަށައިފިއެވެ. މި ހަރަކާތް ރާއްޖޭގައި އިންތިޒާމުކޮށްގެން ކުރިއަށް ގެންދަނީ ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިންނެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުއްލަތީފް ރާފިއުއެވެ. މި ހަރަކާތަކީ ވިޒިޓް މޯލްޑިވްސް އިން އެންޑޯސްކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެކެވެ. ބުރާސްފަތި ދުވަހު ފެށި މި ހަރަކާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މާފުށީގައި ކުރިއަށްދާނެއެވެ.
މި މުބާރާތުގައި 40 ގައުމަކުން ޖުމްލަ 532 ފެތުންތެރިން ބައިވެރިވެއެވެ. މީގެ ތެރެއިން 72.37 އިންސައްތައަކީ ބޭރު ގައުމުތަކުގެ ފެތުންތެރިންނެވެ. އެއީ 385 ބައިވެރިންނެވެ. އަދި ރާއްޖޭގެ 147 ފެތުންތެރިން މި މުބާރާތުގައި ވާދަކުރެއެވެ. ރާއްޖެ ފިޔަވައި އެންމެ ގިނަ ފެތުންތެރިން ބައިވެރިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 54 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަބްދުއްލަތީފް ރާފިއު ވިދާޅުވީ، "ކުޅިވަރު ކުރިއެރުވުމުގެ ބައެއްގެ ގޮތުގައި ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް" ކަމަށެވެ. އަދި އޯޝަންމޭން މޯލްޑިވްސްގެ ސަބަބުން އެ މަގްސަދު ހާސިލުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް އިޝްތިހާރުކުރުމެވެ. މިފަދަ ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ސްޕޯޓްސް ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ގަބޫލުކުރެއެވެ.
މިއީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ސިފަކުރެއެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަން ކުޅިވަރުގެ ތެރެއިން ދުނިޔެއަށް އިތުރަށް ހާމަވެގެންދާނެއެވެ.


