Tuesday, 28 July 2026
ތ. ގާދިއްފުށި ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ---ފޮޓޯ:ރައީސްގެ އެކްސްޕޯސްޓް

10 ދުވަސްތެރޭ ނިންމާލެވޭނެ ކަމުގެ ޔަގީންކަމާއެކު ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް 10 ދުވަސްތެރޭ ނިންމާލެވޭނެ ކަމުގެ ޔަގީންކަމާއެކު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި މަޝްރޫއުގެ ދަށުން ގާދިއްފުށިން ޖުމްލަ 11 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭއިރު، މުޅި މަޝްރޫއު 10 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

ގާދިއްފުށީގެ ބިން ހިއްކުމަށް ބޭނުންކުރަނީ 11,500 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ފިލިޕޯ ބުރުނެލޭޝީ" ނަމަކަށް ކިޔާ ޑްރެޖަރެކެވެ. މި ޑްރެޖަރަކީ ދާދި ފަހުން ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތުގައިވެސް ބޭނުންކުރި ޑްރެޖަރެވެ.

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އެ ރަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި ވޭމަންޑޫގެ މަސައްކަތް ކުރިއަށްދިޔައީ މާޗް 12 އިން އޭޕްރީލް 4 ގެ ނިޔަލަށެވެ.

ސަރުކާރުން ތ. އަތޮޅުގެ ރަށްރަށުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ މޯލްދިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޕެނިންސުލާ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުތަކަކީ ރަށްރަށުގެ އުމްރާނީ ތަރައްގީއަށާއި ސަރަހައްދީ ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މުހިންމު މަސައްކަތްތަކެއް ކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *