Tuesday, 28 July 2026
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ----ފޮޓޯ:ހުރިހާ

ކުރީގެ ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު 'ބޮނޑިބަތް ފެކްޝަން' އުޅުނީ ފިލައިގެން: ޝުޖާއު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ދުވަސްވަރު، މިހާރު އެމަނިކުފާނުގެ އަރިހުގައި އިސްކޮށް ތިއްބެވި ބޭފުޅުން ފެންނަން ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޝުޖާއު މިފަދަ ބަހުގެ ހަމަލާއެއް ދެއްވާފައިވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވަނީ މިހާރު ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް "ބޮނޑިބަތް ފެކްޝަން" ގެ ނަމުން މުޚާތަބު ކުރައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްވަރު އެ ބޭފުޅުން އުޅުއްވީ ކޯޓު ރޫމްތަކުގެ ތެރޭގައި "ފިލްމު ކުޅޭށެވެ". އަދި މުޒާހަރާއެއް އޮންނަ ކޮންމެ ފަހަރަކު އެ ބޭފުޅުން ފިލާ ކަމަށާއި، ޤާނޫނީ މާހިރުންގެ ނަމުގައި ތިއްބެވި ނަމަވެސް ރައީސް ޔާމީނަށްޓަކައި އޭރު ކޮށްދެއްވި އެއްވެސް ކަމެއް ނެތް ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މިއަދު އެ ބޭފުޅުން މަގުމަތީގައި ހަރަކާތްތެރިވަނީ ރައީސް ޔާމީން މިނިވަންވެ، ގޭގައި ހުންނެވުމުން "ދެއްކެން" ވެގެން ކަމަށެވެ. "ޖަލުގައި އޮންނެވި ނަމަ އުޅޭނީ އުފާފާޅު ކުރަން ރާއްޖޭން ބޭރުގައި. ލަދުކުޑަ ބައެއް،" ޝުޖާއު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޕީއެންއެފްގެ އިސް ބޭފުޅުންގެ އަސްލު ސޫރަ މިހާރު ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވާނެއެވެ.

ޕީއެންއެފް އިން މިހާރު މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ އެއްވުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް ވިދާޅުވެފައިވަނީ، މި އިހުތިޖާޖުތަކަކީ ޕާޓީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު އެދުމުގެ މަތިން ފެށި ހަރަކާތްތަކެއް ކަމަށާއި، މި ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *