މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ، މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފިއެވެ. އޭޑީބީން މި މަހު އާންމުކުރި "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 5.4 އިންސައްތައިގައި ކުރިއަރާފައިވީ ނަމަވެސް، މި އަހަރު އެ ރޭޓު 1 އިންސައްތައަށް ދަށަށް ދާނެ ކަމަށް ބެލެވެއެވެ.
އޭޑީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހުރަސްތަކެއް ކުރިމަތިވުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމަކީ ރާއްޖޭގެ އިގުތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، ހަނގުރާމައިގެ ހާލަތު ރަނގަޅުވެ، ދުނިޔޭގެ އިގުތިސާދީ ދުވެލި ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 3 އިންސައްތައަށް އުފުލޭނެ ކަމަށް އެ ބޭންކުން ލަފާކުރެއެވެ.
އިގުތިސާދީ ދާއިރާގެ މާހިރުންގެ ކަންބޮޑުވުމަކީ ތަކެތީގެ އަގު އުފުލުމެވެ. ތެލާއި ކާބޯތަކެތި ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު 5 އިންސައްތައަށް އުފުލޭނެ ކަމަށް އޭޑީބީން ވަނީ ބުނެފައެވެ. މީގެ ސަބަބުން އާންމު ދިރިއުޅުމުގެ ހަރަދުތަކަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު، ކުރީގެ ސަރުކާރުން ނެގި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު، މިހާރުގެ ސަރުކާރުން މި މަހުގެ ތެރޭގައި އަނބުރާ ދެއްކުމަކީ ދަރަނީގެ ހާލަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި އޭޑީބީން ފާހަގަކުރެއެވެ. އެހެންނަމަވެސް، ސުކޫކު ދެއްކުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް ކުޑަވެފައިވާ ދަނޑިވަޅެއްގައި، ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން ރިޒާވަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމަށް ރިޕޯޓުގައިވެއެވެ.
ސުކޫކު ދެއްކި ނަމަވެސް، ރާއްޖޭގެ ދަރަނީގެ ނިސްބަތް އަދިވެސް ހުރީ ޖީޑީޕީގެ 130 އިންސައްތައިގައެވެ. އެހެންކަމުން، ބޭރުން އިތުރު ދަރަނި ނެގުމުގެ ފުރުސަތުތައް ހަނިވެފައިވާތީ، ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް އޭޑީބީން ވަނީ އިރުޝާދު ދީފައެވެ.
އިގުތިސާދަށް ހުރި ގޮންޖެހުންތަކާ އެކުވެސް، ފަތުރުވެރިކަމުގެ ދާއިރާއިން އުއްމީދީ މަންޒަރުތަކެއް ފެންނަން އެބަހުއްޓެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު، މިދިޔަ އަހަރު ފަތުރުވެރިކަން 10 އިންސައްތަ ކުރިއަރާފައިވާއިރު، ހަނގުރާމައިގެ ހާލަތުގައި ވެސް މި އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އޭޑީބީގެ ތަފާސްހިސާބުތަކުން ދައްކައެވެ.


