ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑަށް ފިހުނު ބިދޭސީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މި ހާދިސާގައި އަނިޔާވި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށާއި، އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑުގެ 60 އިންސައްތަ ވަނީ ފިހިފައެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 9:15 ހާއިރު ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރިގެން ދިއުމުގެ ސަބަބުން ކައިރީގައި އޮތް އިތުރު ތިން ދޯންޏެއްގައި ރޯވެ، ޖުމްލަ ހަތަރު ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ނިލަންދޫ އަދި ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. ގަޑިއިރެއްހާ އިރުގެ މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ އިއްޔެ ހެނދުނު 10:35 ހާއިރުއެވެ.
އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާއަކީ އެ ތެޔޮ ދޯނީގައި މަސައްކަތް ކުރާ މީހެކެވެ. އޭނާއަށް ފީއަލީ ސިއްހީ މަރުކަޒުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.


