ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، ބައެއް ވަގުތުތަކާއި މައްސަރުތައް ޚާއްޞަކުރައްވައި މާތްކުރައްވައިފައިވަނީ އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މާތް ﷲ ގެ ޝިޢާރުތައް މަތިވެރިކޮށް، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށް ބާރުއަޅަމުން ޚުޠުބާގައި ވަނީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތަކާ ހަވާލާދީ ޚުޠުބާގައި ބުނީ، އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެ ﷲ ކަނޑައަޅުއްވައިފައިވާ ގޮތުގައި އަހަރެއްގެ މައްސަރުތަކުގެ ޢަދަދަކީ ބާރަ މަސް ކަމަށާއި، އޭގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ މަސްތަކެއް ކަމަށެވެ. އަދި އެ މައްސަރުތަކުގައި އަމިއްލަ ނަފުސުތަކަށް އަނިޔާވެރިނުވުމަށް މާތް ﷲ އަމުރުކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އިބުނު އައްބާސްގެ ބަސްފުޅަކާ ހަވާލާދީ ޚުޠުބާގައި އިތުރަށް ބުނީ، އެ ހަތަރު މަހުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރެއްވި ފަދައިން، ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ތެވާބު ވެސް އިތުރުކުރައްވާފައިވާ ކަމަށެވެ.
ޙުރުމަތްތެރިވެގެންވާ މަސްތަކަކީ ކޮބައިކަން ބަޔާންކޮށްދެމުން ޚުޠުބާގައި ބުނީ، އެއީ ވިދިވިދިގެން އަންނަ ތިން މަސް ކަމުގައިވާ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހުގެ އިތުރުން ޖުމާދަލްއާޚިރާއާއި ޝަޢުބާން މަހާ ދެމެދުގައި އަންނަ ރަޖަބު މަސް ކަމަށެވެ. ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން އެމީހުން ހިތުހުރި ގޮތަކަށް މި މަސްތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، ޙައްޖަތުލްވަދާޢުގައި މާތް ނަބިއްޔާ ވަނީ މި މަސްތަކަކީ ކޮބައިކަން އުންމަތަށް ސާފުކޮށް ބަޔާންކޮށްދެއްވާފައި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައް ކުރުންކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، ކޮންމެ ވަގުތެއްގައި ވެސް ފާފަކުރުމަކީ މާތް ﷲގެ ކޯފާ ޙައްޤުވާނޭ ކަމެއް ކަމަށެވެ. ނަމަވެސް، ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި އެފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުވެގެންވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެއީ އެފަދަ ޢަމަލަކީ މާތް ﷲއަށް އުރެދުމުގެ އިތުރުން، އެކަލާނގެ މަތިވެރިކުރެއްވި ކަންކަމުގެ ޙުރުމަތް ކަނޑައި އިހާނަތްތެރިކޮށް ހިތުން ކަމުގައި ވާތީ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
ޙުރުމަތްތެރިކުރެވިގެންވާ މައްކާގެ ޙަރަމުގައި ފާފައަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާ ފަދައިން، ޙުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވެސް ބޮޑުވެގެންވާ ކަމަށެވެ. އެހެންކަމުން، މިފަދަ މާތް ދުވަސްތަކާއި މައްސަރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.


