މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި 'އޮޕަރޭޝަން އަލިމަގު’ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި ހިންގި ހަރަކާތުގައި ހައްޔަރުކުރި ހަތަރު މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި މި އޮޕަރޭޝަންގެ ދަށުން މާލެ އާއި ގއ. ގެ ރަށްތަކުގައި ހާއްސަ ހަރަކާތެއް ހިންގާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 10 ގެއެއް ބަލައިފާސްކޮށްފައިވެއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ހަތަރު މީހަކަށެވެ. އެއީ:
- ޝައްފާހު ލަތީފު (28އ)، ޝެވޯނާ/ ގއ. ވިލިނގިލި
- އަހްމަދު މަދީހު (33އ)، މިއުޒިކީއާގެ/ ގއ. ވިލިނގިލި
- އަހްމަދު އަނާމް އިބްރާހިމް (30އ)، އައިޒަން/ ގއ. ވިލިނގިލި
- ނޫރުއްނިޒާމް (35އ)، އަރާއިރުގެ/ ގއ. ވިލިނގިލި
މި ހަތަރު މީހުންގެ ތެރެއިން އަހްމަދު އަނާމް އިބްރާހިމް އަކީ އޭނާ ހައްޔަރުކުރި އިރު އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި މީހެކެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް 'އޮޕަރޭޝަން އަލިމަގު' ގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


