ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީން ފްލެޓަށް ކުރިމަތިލާއިރު، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭ ގޮތަށް ހައުސިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހާއްސަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައެވެ. މި ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 އެވެ.
ހައުސިން މިނިސްޓްރީން މިރޭ ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހެއްކަން ކަށަވަރު ކުރުމަށްޓަކައި، އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މީގެ ކުރިން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލު އޮތްގޮތުން، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކުން ޖެހެނީ ހަމައެކަނި ފާހަގައެއް ޖަހާށެވެ.
މިދިޔަ ފެބްރުއަރީ މަހު މިނިސްޓްރީން ވަނީ މި އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުން މާލޭގައި ދިރިއުޅެންޖެހޭ މުއްދަތު ވަނީ ކުޑަކޮށްފައެވެ. މިހާރު އޮތް އުސޫލުގެ ދަށުން، މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް ފްލެޓަށް ކުރިމަތިލެވޭނެއެވެ.
މީގެ އިތުރުން، ފަރުވާ ހޯދުމަށްޓަކައި މާލެއަށް ދަތުރުކުރަން ޖެހުމާއި، އެކި ހިދުމަތްތައް ހޯދުމަށް މާލެއަށް ބަދަލުވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް މިހާރު ފޯމު ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މިއީ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ގެނައި ބަދަލެކެވެ.


