ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސަރވޭއެއް މިއަދު މާލެ ސަރަހައްދުގައި ކުރިއަށް ގެންދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. މި ސަރވޭއަކީ ރާއްޖޭގެ އިގްތިސާދީ ތަފާސްހިސާބުތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި މި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެންނެވެ. މިއީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް ކުރިއަށްގެންދާ ސަރވޭއެއްކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
މި ސަރވޭގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ފައިސާ ފޮނުވުމަށް ބޭނުންކުރާ އެކި ވަސީލަތްތަކާއި، ފައިސާ ފޮނުވާ މުއްދަތުތައް ނުވަތަ ފްރިކުއެންސީ، އަދި އާންމުކޮށް ފޮނުވާ ފައިސާގެ އަދަދުތަކާ ގުޅޭ މައުލޫމާތު އެއްކުރެވޭނެއެވެ. ބިދޭސީ މަސައްކަތްތެރިން މި ސާވޭގައި ފޯރުކޮށްދޭ މައުލޫމާތަކީ ރާއްޖޭގެ މާލީ ނިޒާމު ދެނެގަތުމަށް މުހިންމު މައުލޫމާތަކަށް ވާތީ، މި ސާވޭގައި ބައިވެރިވުމަށް އެމްއެމްއޭ އިން ވަނީ ބާރުއަޅާފައެވެ.
ސަރވޭގައި ބައިވެރިވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، މަސައްކަތްތެރީންގެ ނަން، ޕާސްޕޯޓް ނަންބަރު، ނުވަތަ ވޯކް ޕާމިޓް ތަފްޞީލު ފަދަ އެއްވެސް ޒާތީ މައުލޫމާތެއް މި ސަރވޭގައި ނުހޯދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި "ސަރވޭގައި އެއްކުރެވޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެ" ކަމުގެ ފުރިހަމަ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ.
މިފަދަ ސަރވޭތަކަކީ ރާއްޖެއިން ބޭރަށް ފައިސާ ދައުރުވާ މިންވަރު ދެނެގަނެ، އިގްތިސާދީ ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިވެދޭނެ މުހިންމު މަސައްކަތެކެވެ.


