މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތަށް މިއަދުން ފެށިގެން ވަގުތީގޮތުން ބަންދުކޮށްފިއެވެ. މިކަން ހާމަކުރައްވައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ބުުނީ، މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ މުއްދަތުގައި އެ މަސައްކަތް ކުރަމުންދާ ސަރަހައްދުތައް ބަންދުކުރަމުންދާނެ ކަމަށެވެ.
ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަޖައްސާލުމަށާއި، ކުޑަކުދިންނާއި އެކި އުމުރުފުރާތަކުގެ މީހުން މޫދަށް އެރުމަށް ބޭނުންކުރަމުންދާ މުހިންމު ސަރަހައްދެކެވެ. ނަމަވެސް އެތަނުގެ ހާލަތު މިހާރު އޮތް ގޮތުން، އެތަން މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިއުލާންކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވަނީ އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، ބޭރު ތޮއްޓަށް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުން ހިމެނެއެވެ.
މީގެއިތުރުން، ރަސްފަންނު ސަރަހައްދުގައި ފެން ހިންދާނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމާއި، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެހެން އާ ފާޚާނާބަރިއަކާއި، ފެން މާގަނޑުތަކުގެ އިތުރުން ލޮކަރު ފަދަ ވަސީލަތްތައް ގާއިމްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


