Tuesday, 28 July 2026
ޕީޖީ އޮފީސް---ފޮޓޯ:އެޓޯލްސްމީޑިއާ

އައްމަޓީގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާ ކަމަށް ކުރި ޙުކުމް އިސްތިއުނާފު ކުރަން ޕީޖީން ނިންމައިފި

ހުޅުމާލޭގައި 3،000 ހައުސިންގ ޔުނިޓް އެޅުމަށް ހައުސިންގ ޔުނިޓް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލާގައި، ސީލައިފްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލައަކީ ހައުސިންގ ޔުނިޓްތައް އެޅުމަށް ދީފައިވާ މުއްދަތުގައި އެ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މިކަމާ ގުޅިގެން އަޙްމަދު މޫސާގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 30 މޭ 2021 ގައެވެ.

މި މައްސަލައިގެ ޝަރީޢަތް ހިންގުމަށްފަހު، ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވަނީ އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތުނުވާ ކަމަށެވެ. ކޯޓުން މިގޮތަށް ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މިއީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއް ކަމަށްވުމާއި، މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުމެވެ.

ނަމަވެސް، ޕީޖީ އޮފީހުން ދެކޭގޮތުގައި އަޙްމަދު މޫސާގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެކެވެ. އަދި ކްރިމިނަލް ކޯޓުން މިއީ މަދަނީ މުޢާމަލާތްތަކެއް ކަމަށް ނިންމާފައިވަނީ، ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނުގައި ޚިޔާނާތުގެ ކުށް ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ނުބައި މާނަކުރުމެއް ދީގެން ކަމަށްވެސް އެ އޮފީހުން ފާހަގަކުރެއެވެ.

މި ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓުގެ މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. ސީލައިފް މަޝްރޫޢަކީ ގިނަ ބައެއްގެ ފައިސާއާ ގުޅިފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *