މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓިގެން އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މާފަންނު ގެއެއްގެ މަތިން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ އިރުއޮއްސި 18:20 ހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާގައި އަނިޔާވި މީހާ ވެއްޓުނީ އެ އިމާރާތުގެ ކިތައްވަނަ ފަންގިފިލާއިން ކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އަނިޔާވި މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.


