ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައަކީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެކެވެ.
ހުޅުމާލޭގައި ފްލެޓް އެޅުމަށް 200 އަށް ވުރެ ގިނަ މީހުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި 2021 ވަނަ އަހަރު އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލިއެވެ. މި ހުރިހާ ދައުވާތަކެއް ސާބިތުވި ނަމަ އޭނާގެ މައްޗަށް ޖުމްލަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ އެއްވެސް ދައުވާއެއް ޝަރީއަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައެވެ.
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، އައްމަޓީ މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ހައުސިން ޔުނިޓްތަކުގެ އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ގޮސް ފިލާފައެވެ. އޭނާ ހޯދުމަށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، އޭނާ ހައްޔަރުކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސްރީލަންކާއިންނެވެ. އޭނާ ރާއްޖެ ގެނެސްފައިވަނީ ދިވެހި ސިފައިންގެ އެހީތެރިކަމާއެކު ޖެހިގެން އައި މަހުއެވެ.
މި މައްސަލައިގައި ސީލައިފް ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކުން ކޯޓުގައި ދައުވާ ކުރުމުން، ދައުވާކުރި 203 މީހުންނާއެކު ކޯޓުން ބޭރުގައި ސެޓުލްމެންޓު އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 45 މިލިއަން ރުފިޔާގެ ބަދަލު ކަނޑައަޅައި، އެ މީހުންނަށް ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތަކުން ފުލެޓު ގަތުމުގެ ފުރުޞަތު ލިބޭ ގޮތަށް ވަނީ މައްސަލަ ނިންމާފައެވެ.


