Wednesday, 29 July 2026
ފަވަރަ ހިދުމަތުގެ ހޮޓްލައިން ނަންބަރު 1544 -- ފޮޓޯ: އެމްއެމްއޭ

ފަވަރަ ޕޭމަންޓް ސިސްޓަމްގެ ޝަކުވާތަކަށް އެމްއެމްއޭއިން ޚާއްސަ ހޮޓްލައިނެއް ތައާރަފްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "ފަވަރަ" ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޭ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ޝަކުވާތަކަށް ޚާއްސަ ހޮޓްލައިން ނަންބަރެއް މިއަދު ތައާރަފްކޮށްފިއެވެ. މި ޚާއްސަ ނަންބަރަކީ 1544 އެވެ.

އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހޮޓްލައިން ނަންބަރު އިފްތިތާހުކޮށްދެއްވީ އެ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ނަންބަރަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސް އިންނެވެ. މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމު އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ އިތުބާރު ބޮޑުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، މާލީ ޚިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ނަމަވެސް އަލަށް ތައާރަފްކުރި 1544 ނަންބަރަކީ ހަމައެކަނި ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ޚިދުމަތްތަކަށް ޚާއްސަކުރެވިފައިވާ ނަންބަރެކެވެ.

މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ ބޭންކިންގ އަދި މާލީ ނިޒާމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން އުންމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *