Tuesday, 28 July 2026

ފީއަލީ އަލިފާނުގެ ހާދިސާގައި އެރަށު އައިސްޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ފ. ފީއަލީ ބަނދަރުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ރަށުގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓު ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ކައިރީގައި ހުރި އައިސް ޕްލާންޓަށް ފެތުރުމުގެ ސަބަބުންނެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރުއެވެ. އަލިފާންގަނޑު ފެތުރިގެން ދިޔުމުގެ ސަބަބުން އައިސް ޕްލާންޓުގެ އިތުރުން ބައެއް އެހެން ދޯނިތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިފްކޯއިން މައުލޫމާތު ދިން ގޮތުގައި، ރޯވި އުޅަނދާއި އައިސް ޕްލާންޓާ ދެމެދު ހުރީ ގާތްގަނޑަކަށް 15 ފޫޓުގެ ދުރުމިނެކެވެ. "އަލިފާނުގެ ސަބަބުން އެތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި،" މިފްކޯގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އޭނާއަށް މިހާރު ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

ފީއަލީގައި ހުންނަ މި އައިސް ޕްލާންޓަކީ 25 މެޓްރިކް ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ހުރި ތަނެކެވެ. މިއީ ފެނަކައިން މިފްކޯއާ ޖޫން 2025 ގައި ހަވާލުކުރުމުން، ސެޕްޓެމްބަރު 1، 2025 އިން ފެށިގެން އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް ހިދުމަތް ދެމުން އައި ތަނެކެވެ. މި ހާދިސާއާ ގުޅިގެން ރަށުގެ މަސްވެރިންނަށް އައިސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *