Tuesday, 28 July 2026
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް -- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާއަށް މިއަހަރު އިތުރު 1،900 މުވައްޒަފުން ނެރެނީ

ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ހިދުމަތްތައް ފުޅާކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި އެ ދާއިރާއަށް އަލަށް 1،900 އެއްހާ މުވައްޒަފުން ނެރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ވެސް ސިއްހީ ދާއިރާއަށް 1،700 އެއްހާ މުވައްޒަފުން އަލަށް ގުޅިފައިވާ ކަމަށެވެ. އަދި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ދޭ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، މި އަހަރުގެ ތެރޭގައި އިތުރު 200 ވަޒީފާ އަލަށް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މުވައްޒަފުން މައިގަނޑު ގޮތެއްގައި ނަގަނީ އަސާސީ ސިއްހީ ހިދުމަތްތަކާއި ލެބޯޓްރީގެ ހިދުމަތްތައް އަލަށް ތައާރަފްކުރާށެވެ.

ސިއްހީ ދާއިރާގައި ބިދޭސީންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ނަރުހުންގެ ވަޒީފާއަށް ބިދޭސީންނަށް ވޯކް ޕާމިޓް ނުދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިނިސްޓަރު ވިދާޅުވީ މި ދާއިރާއިން ދިވެހިން ތަމްރީނުވެގެން ނުކުތުމަކީ މިހާރު ހުރި ގޮންޖެހުންތަކަށް އޮތް ދާއިމީ ހައްލު ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ދިވެހި ކިޔަވާ ކުދިންނަށް މިއީ ވަރަށް ފުޅާދާއިރާއެކޭ، މި ދާއިރާއިން ތައުލީމް ހާސިލްކުރައްވައިގެން ހިދުމަތަށް ނުކުންނެވުމަކީ ގައުމަށް ކޮށްދެވޭނެ ވަރަށް މުހިއްމު ހިދުމަތެއް،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މެޑިސިން ސްކޫލުން މިހާރު ދިވެހި ޑޮކްޓަރުން ކިޔަވައި ނިމިގެން ނުކުންނަމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުސަތުތައް އެކި ހޮސްޕިޓަލުތަކުން ފަހިކޮށްދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. ޑޮކްޓަރަކު ތަމްރީނުވެގެން ނުކުތުމަށް ގިނަ އަހަރުތަކެއް ނެގި ނަމަވެސް، މިހާރު ފެށިފައިވާ މަސައްކަތްތަކާއެކު ކުރިއަށް އޮތް ތަނުގައި ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ލަފާކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *