Wednesday, 29 July 2026
އެމްޕީއެލް

އެމްޕީއެލުން ޚަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ޚަރަދު ކުޑަ ކުރުމުގެ ގޮތުން، އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ކުރު ކުރަން ނިންމައިފައިވާ ކަމަށާއި ނަމަވެސް އޭގެ ސަބަބުން، މުދާ ކްލިއާ ކުރުމުގެ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަރަދު ކުޑަކުރުމަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް އެ ކުންފުނިންވަނީ ހިއްސާކޮށްފައެވެ. އެގޮތުން ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ވަނީ ކުރުކޮށްފައެވެ. މީގެކުރިން މި މުވައްޒަފުން ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން 15:30 އަށް ކަމުގައި ވިޔަސް މިހާރު ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އަޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރުމަށް ކުންފުނިން ވަނީ އެދިފައެވެ.

ރާއްޖޭން ބޭރަށް ކުރަން ޖެހޭ ދަތުރުތަކުގައި ވެސް، ބޭރުގެ ފަރާތްތަކުން ޚަރަދުތައް ހަމަޖައްސާ ގޮތަށް ދަތުރުކުރުމަށާއި، ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރަކުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް އެމްޕީއެލްއިން ވަނީ ނިންމައިފައެވެ.

މީގެއިތުރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި:

  • ރާއްޖެ އިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން. އެ އިދާރާ އިން ބުނީ ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާ ދަތުރުތަކުގައި ވެސް ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކޮށް، ރާއްޖެއިން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބާއްވަން ނިންމާފައިވާ ކަމަށް.
  • ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ތަމްރީނުތައް މިވަގުތަށް ހުއްޓާލައި އެފަދަ ޕްރޮގްރާމުތަކުގައި އޮންލައިންކޮށް ބައިވެރިވުން.
  • މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން. އެއީ މިމަހުގެ 15 ގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތް ކޮންފަރެންސެއް ނަމަވެސް މިހާރު ނިންމާފައި ވަނީ އަންނަ އޮކްޓޫބަރު 5 ގައި ބޭއްވުމަށް.
  • ކަރަންޓުގެ ހަރަދުތައް ކުޑަކުރުން ހިމެނެއެވެ.

އެމްޕީއެލްގެ އިތުރުންވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުން އަންނަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *