ފ.ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ. އެމްއެންޑީއެފުން ހާމަކުރިގޮތުގައި މި ހާދިސާގައި އަލިފާން ނިއްވުމަށް ނިލަންދޫ އަދި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ޓީމުތަކުން ވަނީ ބޮޑު މަސައްކަތެއް ކޮށްފައެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގައި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ޓީމުން ވެސް ބައިވެރިވެފައިވާއިރު، ކުރެވުނު މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 10:35 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް މިހާރު ފީއަލީ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ ކުރިން ބޮޑު ސަރަހައްދަކަށް ފެތުރިގެން ދިޔަކަން ފާހަގަކުރެވެއެވެ.
އަލިފާނުގެ މި ހާދިސާގައި ތެޔޮ ދޯނީގެ އިތުރުން އެ ސަރަހައްދުގައި އޮތް އިތުރު ތިން ދޯންޏަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީގެ އިތުރުން ފީއަލީގައި ހުންނަ އައިސްޕްލާންޓުގައި ވެސް އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
އެމްއެންޑީއެފުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.


