މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ރޭ ދަންވަރު އަޑިއަށް ގޮސް އެ އިން ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ރޭ ދަންވަރު 01:25 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ދަތުރުކުރަމުންދިޔަ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.
ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެއްޔަށް އަރައިފަ އެވެ. ދިވެއްސަކު ގެއްލިފައިވާއިރު ބާކީ ތިބި 11 މީހަކު އެ ރިސޯޓުގެ ދޯންޏަކަށް ނެގި ކަމަށް ފުލުހުން ބުންޏެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ސަލާމަތްކުރެވުނު 12 މީހުންގެ ހާލުވެސް އާންމު ގޮތެއްގައި ރަނގަޅެވެ.
ފުލުހުން ބުނީ އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން، އެ ބޯޓުގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދޭ ކަމަށެވެ.


