ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއޭސީއެލް އިން ބުނީ ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް އިއްޔެ ހެނދުނު 6:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުން ފަށާފައިވާކަމަށާއި، ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފްކަމަށެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ.
އެމްއޭސީއެލުން ބުނީ އެ ރަސްމިއްޔާތަށްފަހު އެ ކުންފުނީގެ މެނޭޖްމަންޓުގެ ބޭފުޅުންނާއި ޑިޕާޓްމަންޓުތަކުގެ އިސްވެރިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހިތްވަރުދެއްވާފައި ކަމަށެވެ.
ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން އިއްޔެ ހަވީރު ހާއްސަ ރަސްމިއްޔާތަކާއެކު ހަވީރުގެ ސައެއް ބާއްވައިފަވާކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މި ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި އަހަރީ ދުވަހާ ގުޅުވައިގެން ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނައަށް ދިޔަ ޑިޕާޓްމަންޓަށް އިނާމު ދީފައިވާކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެ އިނާމުތައް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ ޝަރީފެވެ.


