Tuesday, 28 July 2026

ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށް އެކުގައި މަސައްކަތް ކުރާނަން: މޯދީ

އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދެއްވައިފި އެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް ޝުކުރު އަދާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބޮޑުވަޒީރު މޯދީގެ މެސެޖުގައި ރައީސް މުއިއްޒު ފޮނުއްވި ހޫނު ތަހުނިޔާ އާއި ހެޔޮއެދުންތައް އިހުތިރާމާ އެކު ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުންނަށް އުފާވެރި ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވަމުން، ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކާ އެކުގައި މި ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މޯދީ ވިދާޅުވި އެވެ.

މި މުނާސަބަތުގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމު އާއި ބޮޑުވަޒީރު މޯދީއަށް ވަކިވަކިން ސިޓީފުޅުތައް ވެސް ފޮނުއްވާފަ އެވެ. ރައީސްގެ މެސެޖުގައި އިންޑިއާގެ ޖުމްހޫރީ ދުވަހަކީ އެ ގައުމުން މިނިވަންކަމާއި ޑިމޮކްރަސީ އަދި ހެޔޮވެރިކަމަށް ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ދުވަހެއްކަން ފާހަގަކުރެއްވި އެވެ. އަދި ކުރިމަގުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް މުރްމުއަށް ފޮނުއްވި ސިޓީފުޅުގައި، ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް 60 އަހަރުވީ ގާތް ރަހުމަތްތެރިކަން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމުގެ މައްޗަށްކަން ރައީސް ފާހަގަކުރެއްވި އެވެ. ހަމައެއާއެކު، ބޮޑުވަޒީރު މޯދީއަށް ފޮނުއްވި ސިޓީފުޅުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ހާސިލްކުރެވިފައިވާ ތަރައްގީގެ މަޝްރޫއުތަކާ މެދު ފަހުރުވެރިވާކަން ވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *