Tuesday, 28 July 2026

ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީ ދީނީ އަދި ޤައުމީ ޒިންމާއެއް: ރައީސް

ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުިއއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު ދިރާސީ އައު އަހަރާއި ގުޅުވައި ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.

ރައީސް ވަނީ ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާއިރު، ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

އަދި ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ދިވެހީން އެދޭ ފާގަތި ކުރިމަގު މި ޤައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *