ޣައްޒާގެ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ އިސް ވަފުދެއް ރާއްޖެއަށް ކުރަމުންދާ ޒިޔާރަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުންތަކުގައި، ފްލޮޓިލާގެ ސްޓިއަރިންގ ކޮމިޓީގެ އިސް މެންބަރުން ކަމަށްވާ ތިއާގޯ އަވީލާ، ސައިފް އަބޫކޭޝެކް، ނާދިރު އަލް-ނޫރީ އަދި ކްލިއޮނީކީ އެލެކްސޮޕޮލޫ ވަނީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތައް އިންތިޒާމުކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުންނެވެ.
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ ފްލޮޓިލާގެ ވަފުދަށް މަރުހަބާ ވިދާޅުވެ، ޣައްޒާގައި އޮތް އިންސާނީ ކާރިސާއަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް އެ ޖަމާއަތުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ސާބިތު އުސޫލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ކަރާމާތާއި އިންސާފަށްޓަކައި ފްލޮޓިލާއިން ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން، އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކުން ނިންމި ވަރުގަދަ ނިންމުމެއްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
މި ވަފުދުގެ ޒިޔާރަތުގައި ސަރުކާރުގެ އިދާރާތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށް، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމާއި، ކަނޑުމަގުން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ހައްގު ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
2025 ވަނަ އަހަރުގެ ޖުލައި މަހު އުފެދުނު "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަކީ ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަށާއި ޣައްޒާގެ ރައްޔިތުންގެ ތަކުލީފުތައް ކުޑަކުރުމަށް އާންމު ރައްޔިތުން އިސްނަގައިގެން ހިންގާ ސުލްހަވެރި ހަރަކާތެކެވެ. މި ހަރަކާތުގެ މަގްސަދުތަކަކީ ރާއްޖޭގެ އިންސާނީ އެހީތެރިކަމުގެ އުސޫލުތަކާ ގުޅޭ މުހިންމު މަސައްކަތްތަކެކެވެ.


