އާކްޓިކް ސަރަހައްދުގެ ރައްކާތެރިކަމާއި ގްރީންލޭންޑްގެ އިސްތިގުލާލާ ގުޅޭގޮތުން ޔޫރަޕްގެ އިސް ލީޑަރުން ގުޅިފައިވާ ބަޔާނެއް ނެރެފިއެވެ. މި ބަޔާނުގައި ފްރާންސްގެ ރައީސް އިމަނުއަލް މެކްރޮން، ޖަރުމަނުގެ ޗާންސެލަރު މާޓިން މާޒް، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމާ އަދި ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން ހިމެނިވަޑައިގަންނަވައެވެ.
މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އާކްޓިކް ސަރަހައްދުގެ ސަލާމަތަކީ ޔޫރަޕާއި ބައިނަލްއަގުވާމީ ސަލާމަތަށް ނުހަނު މުހިންމު ކަމެކެވެ. އަދި ނޭޓޯއިން އާކްޓިކް ސަރަހައްދަށް އިސްކަންދޭކަން ހާމަކޮށް، އެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެމެރިކާ ހިމެނޭހެން ހުރިހާ ބައިވެރިން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވަނީ ބުނެފައެވެ.
ސްލޮވީނިއާގެ ބޮޑުވަޒީރު ރޮބަޓް ގޮލޮބް ވެސް ވަނީ މި ބަޔާނަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ އާކްޓިކްގެ ސަލާމަތް ދެމެހެއްޓޭނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރަށް ފުރިހަމައަށް އިހުތިރާމްކޮށްގެން ކަމަށެވެ. ޚާއްސަކޮށް ގައުމުތަކުގެ ސިޔާދަތާއި، އިސްތިގުލާލު އަދި ބޯޑަރުތަކުގެ ރައްކާތެރިކަމަކީ ސްލޮވީނިއާއިން އަބަދުވެސް ދަމަހައްޓާނެ އުސޫލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ލީޑަރުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "ގްރީންލޭންޑަކީ އެ ގައުމުގެ ރައްޔިތުންގެ ތަނެއް" ކަމަށެވެ. އަދި ގްރީންލޭންޑާ ގުޅޭ ކަންކަމުގައި ގޮތް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮތީ ހަމައެކަނި ޑެންމާކާއި ގްރީންލޭންޑަށް ކަމަށް ވެސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، 1951 ވަނަ އަހަރު ޑެންމާކާއި އެމެރިކާއާ ދެމެދު ވެފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން، އެމެރިކާއަކީ މި މަސައްކަތުގައި މުހިންމު ބައިވެރިއެއްކަން ވަނީ ފާހަގަކޮށްފައެވެ. ޑެންމާކުގެ ބައިވެރިވުމާއެކު ގްރީންލޭންޑަކީ ނޭޓޯގެ ބައެއްގެ ގޮތުގައި އޮތް އޮތުން ދެމިއޮންނާނެ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.


