Tuesday, 28 July 2026

ނުސެއިރާތުގައި އިޒްރޭލުން ހިންގި ޤަތުލުޢާންމެއްގައި އެއް ޢާއިލާއެއްގެ 9 މެންބަރުން ޝަހީދުވެއްޖެ

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރާތު ސަރަޙައްދުގައި އިޒްރޭލުން ހިންގި ޤަތުލުޢާންމެއްގައި އެއް ޢާއިލާއެއްގެ 9 މެންބަރުން ޝަހީދުވެއްޖެއެވެ. މިޤަތުލުޢާންމުގައި ޝަހީދުވި ފަރާތްތަކުގެ ތެރޭގައި އަނބިމީހާއާއި ފިރިމީހާ އަދި އެ ދެމަފިރިންގެ ދަރިން ހިމެނެއެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި އޮންނަ ޝާޓީ ކޭމްޕްގައި ދިން އަނެއް ޙަމަލާއެއްގައި އެއް ޢާއިލާއެއްގެ 4 މެންބަރުން ވެސް ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ސިވިލް ޑިފެންސް އޮފިޝަލުން މަޢުލޫމާތު ދޭގޮތުގައި، ޙަމަލާތަކުގެ ސަބަބުން ވެއްޓިފައިވާ ޢިމާރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދެއެވެ. ނަމަވެސް، އިޒްރޭލީ ޑްރޯންތަކުން ސިވިލް ޑިފެންސްގެ ޓީމުތަކަށް އަމާޒުކޮށް ޙަމަލާ ދެމުންދާތީ، ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އިޒްރޭލުގެ ޙަމަލާތައް މުޅި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް އަމާޒުކުރެވެމުންދާއިރު، ކޮންމެ 10 މިނެޓަކުން ވެސް ބޮޑެތި ގޮވުމުގެ އަޑުތައް އިވެމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންދެއެވެ.

އިޒްރޭލުގެ މި އަނިޔާވެރި ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުންދާއިރު، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގިނަ ޤައުމުތަކުން ގޮވާލަމުންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *