Wednesday, 29 July 2026

ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާން މަރުކަޒުގެ ގޮފިތައް ގާއިމްކުރަން ނިންމަވައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމްކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތ. އަތޮޅު ވޭމަންޑޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ އަމާޒަކީ މިއަހަރުގެ ބާކީ އޮތް މުއްދަތާއި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމްކުރުމެވެ. މި ގޮފިތައް ގާއިމްކުރުމުގައި އެ ރަށެއްގެ އާބާދީއާއި، ބިމުގެ ތަނަވަސްކަމާއި، ވަސީލަތްތަކުގެ މައްޗަށް ރިއާޔަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މާލޭގައި ގުރުއާނަށް ޚާއްޞަ ވަގުފު އިމާރާތެއް އެޅުމަށް ބޭނުންވާ ބިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި، މި އިމާރާތް އެޅުމަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށްވެސް ވިދާޅުވެފައެވެ. މި އިމާރާތަކީ ގުރުއާނާއި އިސްލާމްދީނަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެވޭނެ މަރުކަޒަކަށް ވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ގާއިމްކުރެވެމުންދާ ކަމަށާއި، މިއީ ޒަމާނީ ގޮތްތަކާ އެއްގޮތަށް އިސްލާމީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *