Wednesday, 29 July 2026

ސަޢުދީގެ އެންމެ މަތީ މުފްތީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢުދި ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި އެ ޤައުމުގެ އެންމެ މަތީ މުފްތީ، ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލް ޝައިޚް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ސަޢުދީގެ އެންމެ މަތީ މުފްތީ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅު ޖަންނަތުލްފިރުދައުސްގައި ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ މާތްވެގެންވާ ދެ ޙަރަމްގެ ޚާދިމް، ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަދި މަރުޙޫމްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ސަޢުދީއަށް ގެއްލުނީ އިސްލާމްދީން ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، ދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެއްކަމަށް ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފްވެސް ވަނީ މަރުޙޫމްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތް ލެއްވުން އެދި ދުޢާ ކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ މަރުޙޫމަކީ އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގެ ޚުޠުބާ ދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މަރުޙޫމްގެ މައްޗަށް ޣާއިބު ކަށު ނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރެވޭނެ ކަމަށް އިޢުލާން ކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *