ރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް ތަރައްގީކޮށް، ދައުލަތުގެ ޚިދުމަތްތައް ޒަމާނީކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މި ކައުންސިލް އުފައްދަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ. އަދި މި ކައުންސިލުގެ މައިގަނޑު މަގްސަދަކީ "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ގެ ތަސައްވުރު ހާސިލުކުރުމަށް އެކުލަވާލާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.
އަލަށް އުފައްދަވާ މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ. މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން ޑިޖިޓަލް ދާއިރާއަށް ދެއްވާ އިސްކަމުގެ ހާއްސަ މިސާލެއް ކަމުގައި ފާހަގަކުރެވެއެވެ.
"މޯލްޑިވްސް 2.0″ އަކީ ރައީސް މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދަވާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ދެފުށް ފެންނަ، ހަލުވި އަދި ރައްކާތެރި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ އިދާރީ ހިންގުން ވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.


