މުލަކަތޮޅު ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް މުޙައްމަދު މުއިއްޒު އަދީން، ވ.، ފ.، މ.، އަދި ތ. އަތޮޅުގެ 25 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅު ދިއްގަރަށް ވަޑައިގެން ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިއްގަރުގައި ހޮސްޕިޓަލެއް އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން އެޅޭ 30 އެނދުގެ ހޮސްޕިޓަލުގައި ހުރިހާ ކަމެއް ފުރިހަމަވެގެންދާނެ ކަމަށާއި، ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމު ވަރުގަދަވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


