އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި މަސްއޫލިއްޔަތަކީ އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމެވެ. އަދި މާނަހުރި ގޮތެއްގައި ރާއްޖެ ތަރައްޤީވެގެންދާން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވެގެންދާން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އަދި މިކަން ވާނީ ސިކުނޑިތައް ވެސް ތަރައްޤީވެގެން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖެއަކީ އެއްބައިވަންތަ ޤައުމެއްކަން ފާހަގަކުރައްވައި، މި އެއްބައިވަންތަކަން ނެތިކޮށްލަން އެއްވެސް ބަޔަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިފަދަ މަސައްކަތްތައް އެތައް ދިމާލަކުން ކުރަމުންދާ ކަމަށާއި، ދިވެހިންނަކީ ޤައުމިއްޔަތުގެ ވަރުގަދަ ވިސްނުމާއެކު ކުރިއަށްދާ ބަޔަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ރަށްރަށަށް ގެންނަ ތަރައްޤީގެ ފޮނިމީރުކަން ލިބޭނީ އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމުން ކަމަށާއި، އެހެން ނޫން ނަމަ ކިތަންމެ ތަރައްޤީއެއް ގެނަޔަސް އޭގެ ބޭނުމެއް ނޯންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.


