ރާއްޖެއަށް މިހާތަނަށް އެތެރެކުރި އެންމެ ބޮޑު ޑްރަގްސް މައްސަލައިގައި ހިމެނޭ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހިމާއި އިތުރު ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރޭގައި ޝަހީބު އިބްރާހިމްގެ އިތުރުން އެހެން މީހަކާއި ކުޑަކުއްޖެއް ހިމެނެ އެވެ. މި މައްސަލައިގައި ހިމެނޭ 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ފުލުހުން ހިފީ ކަންނެލި ދޯންޏަކުން ނެވެ.
މި މައްސަލައިގައި ޝަހީބާއެކު ޖުމުލަ ހަ މީހަކު ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ. ނަމަވެސް އޭގެ ފަހުން ބައެއް މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.
މި މައްސަލައިގެ ޝަރީއަތް ނިންމުމަށް ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި، މި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ޝަހީބާއި އިތުރު ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވެ އެވެ.


