މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަރަހައްދުގައި ނޫސްވެރިން ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ. އަދި އެ އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ދުވަހު ހެނދުނުން ފެށިގެން މަޖިލިސް ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމާ ގުޅިގެން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ވަނީ އެ ސަރަހައްދަށް އޮފިސަރުން ފޮނުވާފައެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، ދާހިލީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި އެއްވުންތައް ބޭއްވޭނީ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށެވެ. އަދި މަޖިލިސް ސަރަހައްދަކީ އެއްވުންތައް ބޭއްވުމަށް ހުއްދަ ދީފައިވާ ސަރަހައްދެއް ނޫން ކަމަށާއި، އަދި އެއީ ސްކޫލްތައް ހިމެނޭ ސަރަހައްދަކަށްވާތީ، އެ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ކަރުނަ ގޭހާއި ޕެޕަ ސްޕްރޭ އަދި ބެޓަންފަދަ އެއްވެސް އެއްޗެއް ބޭނުންކޮށްފައެއް ނުވެއެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ފުލުހުން އިސްކަންދީފައިވަނީ މަޝްވަރާކޮށް، ވާހަކަ ދައްކައިގެން ހާލަތު ގޯސްވިޔަ ނުދިނުމަށް ކަމަށް ބުނެފައިވެއެވެ.
އެ މުޒާހަރާއާ ގުޅިގެން ފުލުހުންގެ ސަލާމަތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދުނު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.


