ހަގީގަތެއް ނުބަލާ ހިތަށް އަންނަ ކޮންމެ އެއްޗެއް ލިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަބުރު ކަތިލުމާއި، ހަގީގަތާ ހިލާފު ނުވަތަ ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމުގެ ފުރިހަމަ މިނިވަންކަމެއް އެއްވެސް ތަހުޒީބީ މުޖްތަމައެއްގައި ނޯންނާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކޮންމެ ކަމެއްގައިވެސް އުސޫލުތަކެއް އޮންނަންޖެހެއެވެ. ދިވެހިންނަކީ މުސްލިމުންކަމަށް ވުމާއެކު، އިލާހީ ގާނޫނެއް އޮންނަ ކަމަށާއި، އެހެންކަމުން އިސްލާމީ އަދި އިންސާނީ ހަމަތަކެއް އޮންނަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިސްލާމްދީނުގައި މި އޮންނަނީ އަބުރު ރައްކާތެރިކުރާށޭ. އިސްލާމް ދީން ފޮނުއްވި މައިގަނޑު ފަސްކަމެއްގެ ތެރެއިން އެއްކަމަކީ، އަބުރު ރައްކާތެރިކުރުން," ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ވާހަކަފުޅުތައް ދައްކަވާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު، މީޑިއާތައް ރެގިއުލޭޓްކުރުމަށް އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލާ ގުޅިގެންނެވެ. މި ބިލް ފާސްކުރެވުނީ 60 މެންބަރުންގެ ތާއީދާއެކުގައެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކިދާނެއެވެ. ނަމަވެސް އެ ވާހަކަތައް ދައްކަންވާނީ ތެދު ހަގީގަތާ އެއްގޮތަށެވެ. އެއްވެސް ބެލުމެއްނެތި، ތެދު ހަގީގަތެއް ނެތް ދޮގުވާހަކަތައް ފެތުރުމަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


