ގިނަ އަދަދެއްގެ ނޫސްވެރިން ދެކޮޅު ހަދަމުންދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލު މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކޮށްފައިވަނީ 60 މެންބަރުންގެ ތާއީދާއެކު، އެންމެ މެންބަރަކު ދެކޮޅަށް ވޯޓު ދެއްވާފައިވާއިރު އެއީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.
މިއަދުގެ ޖަލްސާ އޮންނާނެކަން އިއްޔެ އިއުލާނުކުރުމާ ގުޅިގެން، 151 ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅައި، ހެނދުނުން ފެށިގެން މަޖިލީހުގެ އިދާރާ ކައިރީގައި އިހުތިޖާޖުކުރަމުން ދިޔަނަމަވެސް، މަޖިލީހުން ވަނީ މި ބިލު ފާސްކޮށްފައެވެ. ނޫސްވެރިން ހުށަހެޅި ޕެޓިޝަންގައިވާ ކަންބޮޑުވުންތަކަށް ކޮމިޓީން ގެނައި އިސްލާހުތަކުން ފަރުވާ ލިބިފައިވާ ކަމަށް ބުނެ އެ ޕެޓިޝަން ވެސް ވަނީ ބޭރުކޮށްލާފައެވެ.
ކޮމިޓީން މި ބިލަށް ގެނައި މުހިންމު އިސްލާހުތަކުގެ ތެރޭގައި، ތަހުގީގު ނުނިންމާ މީޑިއާ ހުއްޓުވާލެވޭ ގޮތަށް އޮތް މާއްދާ އުނިކުރުމާއި، ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި ކޮމިޝަންގެ ވޯޓަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި އިލެކްޓްރޯނިކް މީޑިއާގެ މާނައިން ސޯޝަލް މީޑިއާ އިސްތިސްނާކުރުމާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރުން ހިމެނެއެވެ.
ޖަލްސާގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރުމާ ގުޅިގެން އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ތަޅުމުން ނެރެފައެވެ. އެހެންނަމަވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ކޮމިޓީން ފާސްކުރި ގޮތަށް މި ބިލު ފާސްކޮށްފައެވެ. ސަރުކާރާއި ޕީއެންސީގެ މެންބަރުން މި ބިލު ސިފަކުރަނީ "އަބުރު ރައްކާތެރިކޮށްދޭ" ބިލެއްގެ ގޮތުގައެވެ.


